
SHARE
މާލޭގެ މައި އެއް މަގު ކަމުގައިވާ އަމީނީމަގު މަރާމާތު ކުރުމުގެ ކުރިން, އެމަގުގެ ސާވޭއެއް އެމްޓީސީސީން ހަދައިފިއެވެ.

އަމީނީމަގު އަލުން ތަރައްގީކުރަން ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ. މާފަންނު ފުޑް ކޯޓާ ދިމާލުން އަމީނީ މަގުގައި ތާރުގަނޑު ހިއްލި ވަޅުގަނޑުގަނޑު ހެދި ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.
އެހެންކަމުން އެމްޓީސީސީން ބުނީ, މިއީ މަސައްކަތް ފެށުމުގެ ކުރިން ކުރި ސާވޭއެއް ކަމަށެވެ. މި ސާވޭގައި ތާރުގަނޑު ކަފައިގެން ބަލަންޖެހޭ ކަންކަން ބަލާފައި ވާކަމަށް އެމްޓީސީސީން ބުންޏެވެ. އެ ކުންފުނިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން އަމީނީމަގާއި އިއްޒުއްދީން މަގާއި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރާނެކަމަށެވެ.

އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ކުރިއަށް ގެންދިޔައީ ނިމިދިޔަ ސަރުކާރުން 2023 ވަނަ އަހަރުގައެވެ. ޖުމްލަ 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން ތާރުއެޅި ބައެއް ސަރަހައްދުތަކުގެ ފެންވަރު ދަށްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.


