ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކަށް ގަސްތަކެއް ވެއްޓިއްޖެ
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން، މާލެއާއި ހުޅުމާލޭގެ ބައެއް މަގުތަކަށް ގަސްތަކެއް ވެއްޓި ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ.

މި ހާދިސާތަކާ ގުޅިގެން މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މިހާރު ވަނީ ފަށާފައެވެ.
ވިއްސާރައިގެ ސަބަބުން ވެއްޓުނު ބައެއް ބޮޑެތި ގަސްތައް މަގުތަކުގެ މެދަށް ވެއްޓިފައިވުމުގެ ސަބަބުން، އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި މަގުމަތިން ހިނގާ މީހުންނަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ މުވައްޒަފުން ދަނީ ވެއްޓިފައިވާ ގަސްތައް ކޮށައި، މަގުތަކުން ނަގައި ހަމައަކަށް އެޅުވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.
މި މޫސުމީ ވިއްސާރައިގައި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ކޮންސްޓްރަކްޝަން ސައިޓުތަކުން ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުމަށާއި، އާންމު ރައްޔިތުން މަގުމައްޗަށް ނުކުމެ އުޅޭއިރު ވަށައިގެންވާ މާޙައުލަށް ސަމާލުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ކުއްލި ހާލަތެއް ދިމާވެގެން އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ، ލަސްނުކޮށް އެ ކޯޕަރޭޝަނުގެ ކޯލް ސެންޓަރުގެ ނަންބަރު 1516 އަށް ގުޅުމަށް ވެސް އެޗްޑީސީން އިރުޝާދުދެއެވެ. ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލެނބުމަށާއި، މިފަދަ ދަތި ދަނޑިވަޅުތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
