ކަސްޓަމްސްގެ ގާނޫނީ ޒިންމާތަކާ މެދު ޝައްކު ނުއުފެއްދުމަށް އިލްތިމާސްކޮށްފި
ސައިފުﷲ އަލީ
.jpeg&w=3840&q=75)
SHARE
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ގާނޫނީ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ގޮތަކަށް އަމަލުނުކުރުމަށާއި، ބޯޑަރު ބެލެހެއްޓުމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފުންގެ އަގުލާއްޓާލުމަށް ސޯޝަލް މީޑިއާގައި ކުރިއަށްދާ ކަންކަން ހުއްޓާލުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ކަސްޓަމްސްއިން މިކަމަށް އެދިފައިވަނީ، އެ އިދާރާއިން އަދާކުރާ ގާނޫނީ ޒިންމާތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކަކާ ގުޅިގެންނެވެ.
ހާއްސަކޮށް، އެ މުއައްސަސާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ބޮޑެތި ތުހުމަތުތަކެއް ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ކަސްޓަމްސްގެ ގިނަ މުވައްޒަފުންނާއި އާންމުންގެ ބަޔަކު ވަނީ އެ މުވައްޒަފުގެ ދިފާއުގައި ވާހަކަ ދައްކައި ޝުއޫރު ފާޅުކޮށްފައެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނީ ޒިންމާ އަދާކުރުމުގެ ސަބަބުން މުވައްޒަފުން ބޭޒާރުކޮށް ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލާއި، ފަސިންޖަރުންނާއި، ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ބަލައި ފާސްކުރުމަކީ ކަސްޓަމްސް ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ ގާނޫނީ ސާފު ޒިންމާއެއް ކަމަށެވެ. އަދި މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ބޯޑަރުތަކާއި ބަނދަރުތަކުގައި ގާއިމުކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވަނީ، ކަސްޓަމްސްއަށް ލިބޭ މައުލޫމާތާއި އިންޓެލިޖެންސް ރިޕޯޓުތަކަށް ރިޔާއަތްކޮށް، މުދަލެއް ނުވަތަ ފަސިންޖަރެއް ފިޒިކަލީ ބަލައި ފާސްކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައިވެސް، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އެކަން ކުރަމުންދާނެ ކަމަށެވެ. ކަސްޓަމްސްގެ ގާނޫނުގެ ދަށުން ރާއްޖެއަށް އެތެރެވާ ކޮންމެ އުޅަނދަކާއި، މުދަލެއްގެ އިތުރުން ފަސިންޖަރުންގެ އަތްދަބަހާއި ލަގެޖު ފާސްކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އެ މުއައްސަސާއަށް ލިބިގެންވެއެވެ.
އެހެންކަމުން، ގައުމީ ސަލާމަތާއި ބޯޑަރު ބެލެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތައް އަޅައި، ގާނޫނާ ހިލާފަށް އެތެރެކުރަން އުޅޭ ތަކެތި ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި، ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް އަމަލު ނުކުރުމަށް އެ އިދާރާއިން ވަނީ ނުހަނު ބޮޑަށް އިލްތިމާސްކޮށްފައެވެ.


