އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި
ސައިފުﷲ އަލީ
.jpg&w=3840&q=75)
SHARE
އިޒްރޭލުން ގައްޒާގެ އާންމު ރައްޔިތުންނަށާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް އަމާޒުކޮށް ހުއްޓުމެއްނެތި ދެމުންދާ ލޭއޮހޮރުވުން ބޮޑު ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ޖަރީމާތަކެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމް ކުރުމަށް އިޒްރޭލަށް ވަނީ ވަރަށް ބޮޑަށް ގޮވާލާފައެވެ.
މީގެ އިތުރުން، އިޒްރޭލުން ތަކުރާރުކޮށް ގާނޫނުތަކާ ހިލާފުވަމުން ދިއުމަކީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށާއި، މިއީ މަސްރަހު ފިނިކުރުމަށް ކުރާ މަސައްކަތްތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް ސަރުކާރުން ފާހަގަކުރެއެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި ވަގުތުން ފިޔަވަޅު އަޅައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.
ދިވެހިރާއްޖެއިން ވަނީ ގައްޒާގެ އާންމުންނާއި، ސިއްހީ މަރުކަޒުތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ގޮވާލާފައެވެ. އަދި އެއްވެސް ހުރަހެއް ނެތި ރައްކާތެރިކަމާއެކު ގައްޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ރާއްޖެއިން ބުނެފައިވެއެވެ.
ފަލަސްތީނުގެ މައްސަލާގައި ރާއްޖެއިން ގެންގުޅޭ ދެގޮތެއްނުވާ ސިޔާސަތު ތަކުރާރުކުރަމުން ސަރުކާރުން ބުނީ، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތަށް ރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ.
އިޒްރޭލުން ގައްޒާއަށް އިތުރު ހަމަލާތައްދޭން ފަށާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހަމާސްއިން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. އެގޮތުން އެއްބަސްވުން އިއުލާންކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި އެއް ދުވަސް ތެރޭގައި 19 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، ހަފުތާ ބަންދުގެ މަރުގެ އަދަދު ވަނީ 26 އަށް އަރާފައެވެ.
ގާޒާގެ ސިއްހީ ވުޒާރާއިން ހާމަކުރި ގޮތުގައި، ނިމިދިޔަ ޖުލައި މަހަކީ މި އަހަރުގެ ތެރޭގައި ގައްޒާގައި އެންމެ ގިނަ މީހުން ޝަހީދުވި މަހެވެ. ޖުލައި މަހު އެކަނިވެސް 152 މީހުން ޝަހީދުވެފައިވާއިރު، 2025 އޮކްޓޫބަރުގެ ފަހުން ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1250 އަށް އަރާފައެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ވަޒަންވެރިން ދޭ ހަމަލާތައްވެސް ވަނީ 2023 ގެ ފަހުން ނުދެކޭ މިންވަރަށް އިތުރުވެފައެވެ.
ގާޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި އާއިލާތައް ދިރިއުޅޭ އިމާރާތްތަކާއި ފޭލިގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި އަލްއަގްސާ ހޮސްޕިޓަލުގެ ބޭސް ގުދަނަށް ދިން ހަމަލާގައި ބޭހުގެ ބޮޑު ބައެއް ވަނީ އަނދާފައެވެ. ގައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް ބުރުޝް ވިދާޅުވީ، މިއީ ބޭހާއި ބަލިމަޑުކަން ހަނގުރާމައިގެ ހަތިޔާރަކަށް ހެދުން ކަމަށެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި، އިޒްރޭލު ސިފައިން ދަނީ ގައްޒާގެ އެތެރޭގައި ހަމަލާގެ ސަރަހައްދުތައް އިތުރަށް ފުޅާކޮށް، ސަލާހުއްދީން މަގުގައި ކޮންކްރީޓް ހުރަސްތައް ބަހައްޓަމުންނެވެ. މީގެ ސަބަބުން ގައްޒާގެ އުތުރާއި ދެކުނު ގުޅުވައިދޭ މައި މަގު ބަންދުވެ، ރައްޔިތުންގެ ދަތުރުފަތުރަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

