ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތަކުގައި އައްސާމް ސްޓޭޓުގައި 89 މަރު، 1.28 ލައްކަ މީހުން ހާލުގައި ޖެހިފައި
ފާތިމަތު މިޝްކާ
ވިއްސާރަގައި ބޮޑެތި ގެއްލުންތަކެއް ގިނަ ސަރަހައްދުތަކަކަށް ވަނީ ކޮށްފައި
SHARE
އިންޑިއާގެ އައްސާމް ސްޓޭޓުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 89 އަށް އަރައިފިއެވެ.

އައްސާމް ސްޓޭޓް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ހާމަކުރި ގޮތުގައި، އެންމެ ފަހުން މަރުވި ދެ މީހުންނަކީ މި ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސިވަސާގަރް ޑިސްޓްރިކްޓަށް ނިސްބަތްވާ ދެ މީހުންނެވެ. މިހާރުވެސް އެ ސްޓޭޓްގެ 10 ޑިސްޓްރިކްޓެއްގައި 1.28 ލައްކައަށްވުރެ ގިނަ މީހުންނަށް މި ކާރިސާގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.
ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ 10 ޑިސްޓްރިކްޓަކީ ސިވަސާގަރް، ދެމާޖީ، ގޯލަގާޓް، ޖޯރްހާޓް، ދިބްރޫގަރް، ނަގާއޮން، ޗަރައިޑިއޯ، ކަރްބީ އަންގްލޮންގް، ހޯޖާއީ، އަދި ކާމްރޫޕް (މެޓްރޯޕޮލިޓަން) އެވެ. މި ސަރަހައްދުތަކުގެ 365 އަވަށާއި 15,342 ހެކްޓަރަށްވުރެ ގިނަ ދަނޑުބިން ވަނީ ފެނުގެ އަޑީގައެވެ.
ކަމާބެހޭ އިދާރާތަކުން މިހާރުވެސް 39 ރިލީފް ކޭމްޕެއް ހިންގަމުންދާއިރު، އެ ތަންތަނުގައި 12,382 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 16 ރިލީފް ޑިސްޓްރިބިއުޝަން ސެންޓަރު ވެސް އަންނަނީ ހިންގަމުންނެވެ.
ވާރޭ ވެހިފައިވާ މިންވަރު 400 އިންސައްތަ އިތުރުވެފައިވާތީ އާންމުކޮށް ފެންބޮޑުނުވާ ސަރަހައްދުތަކުގައި ވެސް މިފަހަރުގެ ވިއްސާރާގައި ވަނީ ފެން ބޮޑުވެފަ އެވެ.
މި ހާދިސާއާ ގުޅޭގޮތުން އައްސާމް ކޮންގްރެސްގެ ލީޑަރު އަދި އިދިކޮޅު ކުރީގެ ލީޑަރު ދެބަބްރަޓާ ސައިކިއާ ތުހުމަތު ކުރެއްވި ގޮތުގައި ފެންބޮޑުވުމާއި ބައެއް ސަރަހައްދިތައް ގިރައިގެން ދިޔުމުގެ މައްސަލަތައް އިތުރަށް ގޯސްވެފައިވަނީ އައްސާމް އާއި ނާގަލޭންޑް ބޯޑަރު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހިންގާ ހިލަ އަދި "ކޯލް" ނުވަތަ ދެލި ނެގުމުގެ މަސައްކަތްތަކުގެ ސަބަބުންނެވެ.
ދިކޯ ކޯރުގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ހިއްސާ ކުރައްވަމުން ސައިކިއާ ވިދާޅުވީ، އެއްވެސް ބެލުމެއް ނެތި "މައިނިން މާފިއާ" ތަކުން ހިންގާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ކޯރުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ކޯރުގެ އައްސޭރިފަށް ގިރައި، ސައިފަތް ދަނޑުތަކާއި މީހުންގެ ބިންތައް ކޯރުގެ ތެރެއަށް ދަމައިގަންނަމުންދާކަމަށް ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި
މާއޮއިސްޓް ހަނގުރާމަވެރިންގެ ހަނގުރާމަތައް ހުއްޓުވުނު ނަމަވެސް އެ ފިކުރުގެ ގުރޫޕުތައް ހަރަކާތްތެރިވޭ: މޯދީ

އިންޑިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ އެގައުމުގެ ރައީސާ އަދި ބޮޑުވަޒީރަށް ރައީސް މުއިއްޒު ފޮނުއްވައިފި

