logo

ވިލިލިމާލެ އާއި ހުޅުމާލެ ފޭސް 2 ގައި ވެޓް މާކެޓެއް އަޅަން ސިޓީ ކައުންސިލުން ފާސްކޮށްފި

ސައިފުﷲ އަލީ

5 އޯގަސްޓު 2026 - 16:40
ވިލިލިމާލެ އާއި ހުޅުމާލެ ފޭސް 2 ގައި ވެޓް މާކެޓެއް އަޅަން ސިޓީ ކައުންސިލުން ފާސްކޮށްފި

ވިލިމާލެ -- ފޮޓޯ: މިހާރު

SHARE

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވިލިމާލެ އާއި ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓްތަކެއް ގާއިމްކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މި މަޝްރޫއު ކުރިއަށްގެންދިޔުމަށް ކައުންސިލްގެ ޖަލްސާގައި ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއެވެ.

މި ހުށަހެޅުން ހުށަހަޅުއްވަމުން ޒަހިއްޔާ ވިދާޅުވީ މާލެ ސަރަހައްދުގައި ހިންގާ މާރުކޭޓުތަކަކީ ވަކި ޚާއްސަ މިންގަނޑުތަކެއް ހިފަހައްޓާ ތަންތަނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން، މިހާރު ހުރި މާރުކޭޓުތަކުގައި ދިމާވާ ސާފުތާހިރުކަމުގެ މައްސަލަތައް ހައްލުކޮށް، މީދަލާއި ބުޅާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭނެހެން ޒަމާނީ ފެންވަރަށް މި މާރުކޭޓުތައް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވިލިމާލެއަށް އިޝާރާތް ކުރައްވައި ޒަހިއްޔާ ވިދާޅުވީ، ބްރިޖްގެ މަސައްކަތްތަކާއި ބޭންކް އޮފް މޯލްޑިވްސްގެ ފްލެޓްތައް ނިމުމުން އެތަނުގައި ދިރިއުޅޭ އާބާދީ އިތުރުވެ، މިފަދަ މާރުކޭޓެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހޭނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް 2 އަކީ މިހާރު އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ސަރަހައްދަށްވުމުން، އެތަނުގައި ވެސް ރައްޔިތުންނަށް ފަސޭހައިން ތާޒާ ތަކެތި ގަނެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރާ މާރުކޭޓުތަކުން ރޯމަހާއި މޭވާ އަދި ތަރުކާރީ ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި މާރުކޭޓުތަކުގައި ވެހިކަލްތައް ޕާކުކުރުމަށް ޚާއްސަ ޖާގަތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ފުޑް ކޯޓުތައް ވެސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މި ހުށަހެޅުން ފާސްކޮށްފައިވާއިރު، މި މަޝްރޫއާ ގުޅޭގޮތުން ކުރިއަށްގެންދަންޖެހޭ މަސައްކަތްތައް ފެށުމަށްޓަކައި އެ މައްސަލަ މިހާރު ވަނީ މާލެ ސިޓީ ކައުންސިލްގެ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d