logo

ސްކޭމްގެ މައްސަލަތަކުގެ އަދަދު ތިންހާހަށް, ގެއްލުނު ފައިސާ 35 މިލިއަނަށްވުރެ ގިނަ

އައިޝަތު ހިދާޔާ

10 އޯގަސްޓު 2026 - 10:29
ސްކޭމްގެ މައްސަލަތަކުގެ އަދަދު ތިންހާހަށް, ގެއްލުނު ފައިސާ 35 މިލިއަނަށްވުރެ ގިނަ

ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގް --- ފޮޓޯ: ހުރިހާ

SHARE

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ ސްކޭމްގެ މައްސަލަތަކުގެ އަދަދު 3000އަށް އަރާފައިވާއިރު, މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 35 މިލިއަނަށްވުރެ ގިނަކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފުލުހުން ބުނީ މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35,144,703 ރުފިޔާ ގެއްލިފައި ވާކަމަށެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13,296,072ކަން ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ. މި މައްސަލަތަކުގެ ތެރެއިން، ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1,196 މައްސަލައެއްގައެވެ. އަދި 279 މައްސަލައެއްގައި ހޯދިފައި ވަނީ ފައިސާގެ ބައެކެވެ.

އެންޓި ސްކޭމް ސެންޓަރަށް 3000 މައްސަލަ ހުށަހަޅާފައިވާއިރު ސްކޭމް ކުރުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވާ އުކުޅަކީ އީކޮމާސް ޕްލެޓްފޯމްތައްކަން ފުލުހުންގެ ތަފާސްހިސާބުން އެނގެއެވެ. މިފަދައިން ސްކޭމް ކުރުމުގެ 1478 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު އީކޮމާސް ޕްލެޓްފޯމްތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ސްކޭމްކުރަނީ ފޭސްބުކް މާކެޓްޕްލޭސްއިންނެވެ. ފޭސްބުކް މާކެޓް ޕްލޭސްއިން ސްކޭމް ކުރުމުގެ 1,093 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާއިރު ވައިބާ މެދުވެރިކޮށް ކުރި 911 ސްކޭމެއް ރިޕޯޓުކޮށްފައި ވެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ފައިސާ މާރުކުރުމުގެ ނަމުގައި ކޮށްފައިވާ ސްކޭމްތަކުގެ މައްސަލައެވެ. މިފަދަ 540 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވާއިރު, އެހެންމީހަކަށް ވެގެން ސްކޭމްކުރި 439 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ.

ފުލުހުން ބުނީ މިފަދައިން ގެއްލޭ ފައިސާ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު ވެސް އޮތްކަމަށެވެ.

އެހެންކަމުން، އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ، ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނުމަށާއި މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

" އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ސަމާލުވާށެވެ. އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިން މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރާށެވެ," ސްކޭމްތަކާ ގުޅިގެން ފުލުހުން ހިއްސާކުރި ޕޯސްޓުގައި ވެއެވެ.

ވިޔަފާރީގެ މުއާމަލާތްތައް ކުރާއިރު, ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަކަށް ލަސްނުކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d