
SHARE
ޤައުމީ އެއާލައިން، މޯލްޑިވިއަނުން ޑީއެޗްސީ-ސިކްސް ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ ދެ ސީޕްލޭން ގަތުމަށްޓަކައި ކެނެޑާގެ ޑި ހެވިލަންޑް ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ދުނިޔޭގައި އެންމެ ގިނައިން ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް އޮޕަރޭޓްކުރާ ރާއްޖޭގެ މާކެޓަށް މި މަރުކާގެ އުޅަނދުތައް ގެނައުމަށް އެއްބަސްވި ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. އަދި ޑި ހެވިލަންޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އޭޝިއާ ޕެސިފިކް އަދި މިޑްލް އީސްޓް ސަރަޙައްދުގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގްއެވެ.
ޓްވިން އޮޓަރ ބޯޓުތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައި ވެފައިވާ އުޅަނދުތަކެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށާއި ރަށްރަށަށް ފަތުރުވެރިން އުފުލުމުގައި މި ބޯޓުތަކުން މުހިންމު ދައުރެއް އަދާކުރާކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑި ހެވިލަންޑް ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ސޭލްސް ޔޮގޭޝް ގާރގް ވިދާޅުވީ، ރާއްޖޭގައި ޓްވިން އޮޓަރ މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އަދި މި އެއަރކްރާފްޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ޕައިލެޓުންނާއި އިންޖީނިއަރުންގެ ޚިޔާލަށް ބެލުމަށްފަހު ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކްލަސިކް 300-ޖީ މަރުކާގެ ބޯޓުތަކާއެކު މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޝަންތައް އިތުރަށް ވަރުގަދަވެ، އައު މަންޒިލްތަކަށް ދަތުރުކުރުމުގެ ޤާބިލުކަން އިތުރުވެގެންދާނެއެވެ. މި ބޯޓުތަކަކީ ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ، ޒަމާނީ އޭވިއޯނިކްސް ސިސްޓަމްތަކާއި މަރާމާތުކޮށް ބެލެހެއްޓުމުގައި ފަސޭހަ ގޮތްތަކެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ އުޅަނދުތަކެކެވެ.
މީގެ އިތުރުން ބޯޓުގެ ބަރުދަން ލުއިކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަސިންޖަރުންނާއި ދަބަސް އުފުލުމުގެ ފުރުޞަތު ލިބި، އޮޕަރޭޝަންތަކުގެ ޚަރަދު ކުޑަވެގެންދާނެކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1,000 އަށްވުރެ ގިނަ ބޯޓު އުފައްދައި، މިލިއަނަކަށްވުރެ ގިނަ ގަޑިއިރު ދަތުރުކޮށްފައިވާ ޓްވިން އޮޓަރ ބޯޓަކީ، އާކްޓިކް ސަރަޙައްދުތަކުން ފެށިގެން ދުނިޔޭގެ ހޫނު ޖަޒީރާ ރަށްތަކާ ހަމައަށް ބޭނުންކުރާ އެންމެ އިތުބާރު ހުރި އުޅަނދެވެ. ރާއްޖޭގައި މިއީ ރައްކާތެރި އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި ބަލައިގަނެވިފައިވާ މިންގަނޑެކެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
