logo

އަރަބިއްޔާ ސްކޫލްގެ މަސައްކަތް ޑިސެމްބަރު މަހު ނިމޭނެ: މިނިސްޓަރު

ސައިފުﷲ އަލީ

12 އޯގަސްޓު 2026 - 16:53
އަރަބިއްޔާ ސްކޫލްގެ މަސައްކަތް ޑިސެމްބަރު މަހު ނިމޭނެ: މިނިސްޓަރު

SHARE

އަރަބިއްޔާ ސްކޫލުގެ މަސައްކަތުގެ70 އިންސައްތަ ނިމިފައިވާ ކަމަށާއި މުޅި މަޝްރޫޢުގެ މަސައްކަތް ކުރިއަށް އޮތް ޑިސެންބަރު މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ވަޒީރު މިފަދައިން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތަށް ފަހުގައެވެ. އެ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވައި، އެ ސްކޫލުގެ ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

ތަޢުލީމީ ވަޒީރު ވިދާޅުވި ގޮތުގައި ޑިސެންބަރު މަހުގެ މެދުތެރެއަށް އިމާރާތުގެ މަސައްކަތް މުޅިން ނިންމައި، އަންނަ ދިރާސީ އަހަރުގެ ކިޔެވުން އައު އިމާރާތުގައި ފެށުމަށް ވަނީ އަމާޒުހިފާފައެވެ.

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށް، ބިންގާ އަޅާފައިވަނީ ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ އަށްޑިހަ ތިން މިލިއަން ރުފިޔާ ކުޑަކޮށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތް ނިންމައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކެވެ. ވަޒީރު ވިދާޅުވި ގޮތުގައި ފުރަތަމަ ތިން ފަންގިފިލާގެ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިމި، ކުލަލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އޭގެ އިތުރުން އަރަބިއްޔާ ސްކޫލުގައި މިހާރު ކިޔަވައިދެމުންދަނީ ދެ ދަންފަޅިއަށެވެ. ނަމަވެސް އައު އިމާރާތަށް ބަދަލުވުމުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް މިއިމާރާތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ދަރިވަރުންގެ އާބާދީ އިތުރުވެގެންދާނަމަ ދެ ދަންފަޅިއަށް ބަދަލުކުރަން ޖެހިދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިކަމާމެދު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ ތެރޭގައެވެ.

ދިހަ ފަންގިފިލާއަށް ތަރައްޤީކުރާ މިއިމާރާތުގައި ސާޅީސް ދެ ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ހަތަރު ލިފްޓު ހުންނާނެއެވެ. މިއީ އަޑީގައި ޕާކިންގ ހިމަނައިގެން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ސްކޫލެވެ.

އަންޑަރގްރައުންޑް ޕާކިންގ ސަރަޙައްދުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެތަނުގައި ދެސަތޭކައަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭނެއެވެ. ސްކޫލަކަށް ބޭނުންވާނެ ހުރިހާ ޒަމާނީ ވަސީލަތްތަކެއް މި އިމާރާތުގައި ފުރިހަމަކުރެވޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތެއް ބިނާކުރަން ޖެހުނީ ކުރީގެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލައި، ކިޔަވައިދިނުމަށް ނުރައްކާތެރިވުމާ ގުޅިގެންނެވެ. އެއަށްފަހު އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ދަރުމަވަންތަ ސްކޫލުގެ ކުރީގެ އިމާރާތަށް ބަދަލުކުރެވުނެވެ.

ކުރީގެ ސަރުކާރުން ބާ ޖަމާލުއްދީން ހުރި ބިމުގައި އިމާރާތް އެޅުމަށް ނިންމި ނަމަވެސް، ޖާގައިގެ ދަތިކަމާ ހުރެ މި ސަރުކާރުން ވަނީ އެ އިމާރާތް ޣިޔާޘުއްދީން ސްކޫލްގެ ބިތްދޮށުގައި އޮންނަ 381 ނަންބަރު ކޮށްޓަށް ބަދަލުކޮށްފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d