އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވަން ކައުންސިލުން ނިންމައިފި
އައިޝަތު ހިދާޔާ

ބާރުބޮޑު ދުވަހެއްގައި މާލޭގެ ބާރުބޮޑު ދުވަހެއްގައި -- ފޮޓޯ: މިހާރު
SHARE
އާންމު ތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ފަރާތްތައް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ހުއްޓުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން ނިންމާފައިވަނީ އެވަގުތު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައިވަނީ އާންމުތަންތަނުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާމެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް އެދިވަޑައިގެންފައެވެ.
އޭނާ ވިދާޅުވީ މާލެ ސިޓީގައި އާންމުން އެއްވާ އެކި ތަންތަނާއި ޚާއްސަކޮށް ޕާކްތަކަށް ކުދަކުދިންނާއެކު ގޮސް އުއިރު ގޮސް އުޅޭއިރު، ކައިރީގައި ތިބޭ މީހުންގެ ފަރާތުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ އުނދަގޫ ކުރިމަތިވަމުން އަންނަ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. މިއީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް، ސިއްހީގޮތުން ކުޑަކުދިންނަށް ނޭދެވޭ އަސަރުކުރާނެ ފަދަ ކަމެއްކަންވެސް ޒަހިއްޔާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމައިފައެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ވެސް މަނާ ކަމެކެވެ. މިފަދައިން, ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވޭއިރު, އެކަން ތަންފީޒު ނުވާކަމުގެ ކަންބޮޑުވުން މީހުން ފާހަގަކުރެއެވެ.

