ތިން މީހުން ހޯދަން ހުވަދޫ ކަނޑުއެއްކޮށް ބަލައި މާދަމާ ނިމޭނެ: އެމްއެންޑީއެފް
ސައިފުﷲ އަލީ
.png&w=3840&q=75)
SHARE
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށް ދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މާދަމާގެ އޮޕަރޭޝަނާއެކު ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނީ، ދޯނި އަޑިއަށް ދިޔަ ސަރަހައްދާއި އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް އިސްކަންދީގެން ހުވަދޫ ކަނޑުގެ ވަރަށް ބޮޑު ބައެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ.
މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު ސިފައިންނަށް ލިބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ 22:37 ހާއިރުއެވެ. އެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދޯނި ސަލާމަތް ނުކުރެވި ވަނީ އަޑިއަށް ގޮސްފައެވެ.
އެ ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ސަލާމަތްކުރެވުނުއިރު، ގެއްލިގެން ހޯދަމުން ދަނީ ދޯނީގެ ކައްޕި ތ. މަޑިފުށީ މުހައްމަދު ހަމްދޫން (35 އަހަރު) އާއި، މީހުން ސަލާމަތްކުރުމަށް ދިޔަ ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަރު) އެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ހާދިސާ ހިނގި ވަގުތުން ފެށިގެން އަންމޭންޑް އޭރިއަލް ވެހިކަލް (ޑްރޯން) ބޭނުންކޮށްގެން އަންނަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އިންފްރާރެޑް ސެންސަރު އެކުލެވޭ އެ ޑްރޯންތަކުގެ އެހީގައި ރޭގަނޑުވެސް ކަނޑުމަތިން އޮޔާދިޔަ ތަކެތި ދެނެގަނެވިފައިވާ ކަމަށް ސިފައިން ބުންޏެވެ.
މީގެ އިތުރުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންގެ އިތުރުން ކޯސްޓްގާޑުގެ އިންޓަސެޕްޓާ ކްރާފްޓްތަކާއި، ހާބާ ޕެޓްރޯލް ލޯންޗާއި ފުލުހުންގެ ލޯންޗުތައް ބޭނުންކޮށްގެން ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި، އުތުރުން ލ. އަތޮޅުގެ ފަރުތައް ވަނީ ބަލައިފައެވެ. ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް މިހާތަނަށް ވަނީ ބަލައިފައެވެ.
އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށް ގޮސްފައިވަނީ 1600 މީޓަރަށްވުރެ ފުން ސަރަހައްދަކަށް ކަމަށާއި، މިއީ އަސްކަރީ ސަބްމެރިންތަކަށްވެސް އޮޕަރޭޓް ނުކުރެވޭނެ ފުންމިނެއް ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމަށްޓަކައި ރާއްޖެއާ ގާތް ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ.
.webp&w=3840&q=75)

