logo

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ހޯދުމަށް އެމެރިކާ ސިފައިންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި

ސައިފުﷲ އަލީ

16 އޯގަސްޓު 2026 - 12:06
ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ދޯނިން ގެއްލުނު މީހުން ހޯދުމަށް އެމެރިކާ ސިފައިންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި

SHARE

ހުވަދޫ ކަނޑަށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މެރިޓައިމް ޕެޓްރޯލް ފްލައިޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމެރިކާ ސިފައިންގެ ބޯއިންގް ޕީ-8 އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަރަށް ތިރިން އުދުހެމުންދާކަން ފްލައިޓް މޮނިޓަރިން މައުލޫމާތުތަކުން ވަނީ ކަށަވަރުވެފައެވެ. މި ފްލައިޓް އުދުހެމުންދަނީ ދޯނި ބަންޑުން ޖަހާލި ހާދިސާގައި މީހުން ގެއްލުނު ސަރަހައްދުގައެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފްލައިޓް ރާއްޖޭގެ މަތިން އުދުހެމުންދަނީ ގާތްގަނޑަކަށް 1،500 ފޫޓުގެ އުސްމިނެއްގައެވެ. ފްލައިޓް ޓްރެކިންގް ފޮޓޯތަކުން ފެންނަ ގޮތުގައި، މި ފްލައިޓް ދަނީ ކަނޑުގެ ވަކި ސަރަހައްދެއްގައި ތަކުރާރުކޮށް ބުރުޖަހަމުންނެވެ.

މި ފްލައިޓް ރާއްޖޭގެ ސަރަހައްދަށް އައިސްފައި ވަނީ ޑިއޭގޯ ގާސިއާއިންނެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ހަމްދޫން އާއި، ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ދަނީ ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ. މި އޮޕަރޭޝަންގައި ކަނޑުގެ އެތައް ހާސް އަކަ މޭލެއްގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، ދޯނި ނުވަތަ ގެއްލުނު އެއްވެސް މީހަކު އަދި ފެނިފައެއް ނުވެއެވެ.

މި އޮޕަރޭޝަންގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ޕީ-8 އޭ ޕޮސައިޑަން އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ގާބިލު ދުރު ރާސްތާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓްތަކުގެ ތެރޭގައި ހިމެނޭ ފްލައިޓެކެވެ. މިއީ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ސަލާމަތީ ހޯދުންތަކުގެ މަސައްކަތަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފްލައިޓެކެވެ.

މި ފްލައިޓްގައި އެންމެ ޒަމާނީ ރާޑަރު ސިސްޓަމްތަކާއި، ކަނޑުގެ ސަތަހައިގައި ހުންނަ ތަކެތި ދެނެގަނެވޭނެ ސެންސަރުތަކާއި، އިންފްރާރެޑް ކެމެރާ ސިސްޓަމްތައް ހަރުކޮށްފައިވެއެވެ. މީގެ އިތުރުން، ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބޭ މީހުންނަށް ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަންވެސް މި ފްލައިޓަށް ލިބިގެންވެއެވެ.

ޕީ-8 ފްލައިޓަކީ 1،200 ނޯޓިކަލް މޭލަށްވުރެ ދުރަށް ދަތުރުކޮށް، ވަކި ސަރަހައްދެއްގައި ގިނަ ވަގުތު ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އާންމުކޮށް އުދުހޭ އުސްމިނަށްވުރެ ތިރިން އުދުހުމުން، ކަނޑުގެ ސަތަހަ ވަރަށް ގާތުން ބަލައި، ކަނޑުމަތީގައިވާ ތަކެތި ނުވަތަ މީހުން ދެނެގަތުމަށް ފަސޭހަވެގެންދެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d