ކަރެކްޝަންސްގެ މުވައްޒަފުންނަށް ހައުސިން މަޝްރޫއެއް ކުރިއަށް ގެންދަނީ
ސައިފުﷲ އަލީ
.jpg&w=3840&q=75)
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފްކޯ ފްލެޓްތައް --- ފޮޓޯ: މިހާރު
SHARE
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދެވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

އެ މުއައްސަސާގެ 55 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ޒަރީރު ވިދާޅުވީ، މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން މުހިންމު މަޝްރޫއުތަކެއް ރާވާފައިވާ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޒަރީރު ވިދާޅުވީ މިއީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މުވައްޒަފުންނާއި އޮފިސަރުންގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ސަރުކާރުން މިހާތަނަށް މުހިންމު ކަންތައްތަކެއް ކޮށްދެއްވާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރަކީ ކަރެކްޝަންސްގެ ތާރީހުގައިވެސް ހިންގުން ހަރުދަނާކުރުމަށް އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރެވޭ އަހަރުކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބޮޑީ ސްކޭން އަދި ބެގޭޖް ސްކޭން މެޝިންތައް ބެހެއްޓުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކާއި، ހެލްތު ސްކީމުގެ ތެރެއިން ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ޒަރީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ގައިދީން އިސްލާހުކޮށް މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތައްވެސް ހަރުދަނާކަމާއެކު ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ކަރެކްޝަންސްގެ އޮފިސަރުންނަކީ ގައުމީ ސަލާމަތަށްޓަކައި ވަރަށް ބުރަ، ނަމަވެސް ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއްކަމަށް ޒަރީރު ވިދާޅުވިއެވެ. އޮފިސަރުން އިހުލާސްތެރިކަމާއެކު ކުރަމުންދާ މަސައްކަތަށް އޭނާ ވަނީ ތައުރީފު ކުރައްވާފައެވެ.
ކަރެކްޝަނަލް ސާވިސްއަކީ ގައުމީ ހިދުމަތުގައި ނަމޫނާ ދައްކާ ވަރުގަދަ މުއައްސަސާއަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންވެސް ކޮމިޝަނާ އޮފް ޕްރިޒަންސް ދެއްވިއެވެ.
ގުޅުންހުރި

މާލެ ސަރަހައްދުން ބޯހިޔާވަހިކަން ލިބޭ މީހުންގެ ދާއިމީ ލިސްޓު ޑިސެމްބަރު މަހު އާންމުކުރަނީ

ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުގައި މައްސަލައެއްވާނަމަ އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަސް

