ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ލިބޭނެ ފުރުސަތު ހޯދައިދޭނަން: އިހްސާން
ފާތިމަތު މިޝްކާ

ފޮޓޯ: ކަރެކްޝަންސް
SHARE
ސަރުކާރުގެ ސްކީމްތަކުން ކަރެކްޝަންސްއަށް ބޯހިޔާވެހިކަން ލިބޭނޭ ފުރުސަތު ހޯދައިދެއްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުމަށް ހުޅުމާލޭ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހްސާން ވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަޤާމުގެ ކުރިއެރުންތައް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މާލެ ސަރަޙައްދުގައި އަދި ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ޤާއިމުކުރުމަށް ބަޖެޓް ހަމަޖައްސަވައި ދެއްވާފައިވާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ ވާހަކަފުޅުގައި، ކަރެކްޝަންސްގެ އަހަރީ ދުވަސް، މިއަހަރުގެ ޤައުމީ ދުވަސް އިއްތިފާގުން އެއްދުވަހަކަށްވީތީ، މީގެ އެތައް ސަތޭކަ އަހަރު ކުރިން ހިތްވަރުގަދަ ބަޠަލުންތަކެއް ކުޑަ ވަސީލަތްތަކަކާއެކު ދޯންޏެއްގައި ދަންވަރު މާލެ އަރައި ޤައުމު ސަލާމަތްކުރި ފަދައިން، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުމުގައި މަދު ވަސީލަތްތަކަކާއެކު ފަރުދާގެ ފުރަގަހުގައި އޮފިސަރުން ޖަލު ބެލެހެއްޓުމަށް ކުރަމުންގެންދާ ހީވާގި އަދި ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.
ވޭތުވެ ދިޔަ އަހަރު ތެރޭގައި ކަރެކްޝަންސްއަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން، ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގައި ހުރި ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރެވި، ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި ބޮޑީ ސްކޭނިންގ މެޝިނަކާއި ބެގެޖް ސްކޭނިންގ މެޝިން ބެހެއްޓިފައިވާ ކަމަށާއި 2015 އިން ފެށިގެން ފުރަތަމަ ފަހަރަށް އޮފިސަރުންނާއި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި ސަރުކާރުގެ ސްކީމްތަކުން ބޯހިޔާވެހިކަން ލިބޭނެކަމަށް ކަށަވަރުވެފައިވާކަމެވެ.
ކޮމިޝަނަރުގެ ވާހަކައިގައި ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުން ރެއާއި ދުވާލު ވަމުންދާ ޤުރުބާނީތަކާއި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޮފިސަރުންނަށާއި މުވައްޒަފުންނާއި ޢާއިލާތަކުގެ އިތުރުން ވޭތުވެދިޔަ 55 އަހަރު ދުވަހު ކަރެކްޝަންސްއަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ތަހުނިޔާ ފޮނުއްވާފައިވެ އެވެ.

.jpg&w=3840&q=75)
