ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުގައި މައްސަލައެއްވާނަމަ އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަސް
އައިޝަތު ހިދާޔާ

ރަސްމާލެ ހިއްކުމުގެ ތެރެއިން -
SHARE
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންގައި މައްސަލައެއް އުޅޭނަމަ, ނުވަތަ މައުލޫމާތު ގޯސްނަމަ އިތުރު ލިޔެކިޔުން ހުށަހަޅަން ހަތް ދުވަހުގެ މުއދްަތެއް ދީފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ, ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތް މިހާރު ފަށައިފައި ވާކަމަށެވެ.
އެގޮތުން, އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާފައިވާ މައުލޫމާތުތަކާއި ސަރުކާރު އިދާރާތަކުން މިނިސްޓްރީއަށް ހުށަހަޅައިފައިވާ މައުލޫމާތު ފުށުއެރުމެއް ވާނަމަ، "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެޕްލިކަންޓަށް އަންގާނެކަމަށް މިނިސްޓރްީން ބުންޏެވެ. އަދި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފުސީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތެއް އެޕްލިކަންޓަށް ދިނުމަށް ނިންމާފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"އަދި، ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މައުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އެންގޭނެއެވެ," މިނިސްޓްރީން ކުރި އިއުލާނުގައި ވެއެވެ.
މައުލޫމާތު ފުށުއަރާކަމަށް އަންގާފައިވާ މީހުންގެ ފަރާތުން ހަތް ދުވަހުގެ ތެރޭގައި ޖަވާބެއް ނުލިބޭނަމަ, އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނެކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މިނިސްޓްރީން ބުނީ, އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ބޯހިޔާވަހިކަން ޕޯޓަލް އެކަނިކަމަށެވެ. މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީއާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ .

.jpg&w=3840&q=75)
