ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އައިޝަތު ހިދާޔާ

SHARE
ރޭ މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައި ވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

މި ހާދިސާ ހިނގީ ރޭ 20:41 އެހައިކަންހާއިރުއެވެ. އަލިފާން ރޯވެފައި ވަނީ ހ.ފަހިވައިގެ 8 ވަނަ ފަންގިފިލާގައެވެ. މި ހަދިސާގައި އެ ފަންގިފިލާ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.
މިކަމާ ގުޅިގެން އެންޑީއެމްއޭއިން ބުނީ, މި ހާދިސާ ހިނގީ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ަކމަށެވެ. އެތަނުގައި ދިރިއުޅޭ 4 ދިވެހިންނަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީން މިހާރު ހަމަޖައްސައިދީފައި ވާކަމަސް އެ އޮތޯރިޓީން ބުންޏެވެ.އޭގެތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފިރިހެނަކެވެ.
މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައެއް ނުވާކަމަށް އެންދީއެމްއޭއިން ބުންޏެވެ. އަދި މިހާރު ޢިމާރާތުގެ އިތުރު ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތްކަން ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެމްއެންޑިއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި އަލިފާން ރޯވި ފަންގިފިލާގައި ހުރި ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނު ވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދައިފައެވެ.

