logo

ޓެކްސީ ލައިން އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

ސައިފުﷲ އަލީ

16 އޯގަސްޓު 2026 - 12:37
ޓެކްސީ ލައިން އެޕް ހެކެއް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފެއް: އެމްޓީސީސީ

SHARE

މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުގެ ފަރާތަކުން ހެކުކޮށްފައިނުވާ ކަމަށާއި އެ އެޕްލިކޭޝަންގައިވާ މައުލޫމާތުތަކަށް ބަދަލުުގެނެސް މައުލޫމާތު ލީކުކޮށްލީ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލުގެނެސް، ސިސްޓަމުގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން އެނގިފައިވާ ކަމަށެވެ. އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގްސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ބަދަލުތައް އެ ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނެސްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ސާވަރާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ އެގާރަ ގަޑި ބައިގައި ރައްކާތެރިކަމާއެކު ރީސްޓޯކޮށް، ސެކިއުރިޓީ ކަށަވަރުކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މިއީ ބޭރުން އެޕްލިކޭޝަންގެ ފަޔަވޯލްއަށް ހަމަލާއެއް ދީގެން ހިންގާފައިވާ ހެކުކުރުމުގެ އަމަލެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިއެއް ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.

މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ. ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެ މުވައްޒަފާމެދު އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން އިތުރަށް ބުނީ މިފަދަ އަމަލުތަކުގެ މަގްސަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ އިތުބާރާއި ރީތިނަން ކިލަނބުކުރުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ އަރުވައިފައެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d