logo

އެމްޓީސީސީގެ މުވައްޒަފުންނަށް ހުޅުމާލޭގައި ފްލެޓް އަޅަނީ

ސައިފުﷲ އަލީ

20 އޯގަސްޓު 2026 - 07:24
އެމްޓީސީސީގެ މުވައްޒަފުންނަށް ހުޅުމާލޭގައި ފްލެޓް އަޅަނީ

SHARE

ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ހުއްޓިފައިވާ އެމްޓީސީސީގެ މުވައްޒަފުންގެ ހައުސިން މަޝްރޫއު އަލުން ފެށުމަށްޓަކައި ބިމެއް ހަމަޖެއްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދިވަޑައިގަތުމާ ގުޅިގެން، އެ ކުންފުނީގެ ހިޔާ މަޝްރޫއަށް ބިމެއް ހޯދުމުގެ މަޝްވަރާތައް އެމްޓީސީސީން އެޗްޑީސީއާއެކު ފަށައިފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ ހިޔާ މަޝްރޫއަށް ބިމެއް ހަމަޖެއްސުމަށްޓަކައި މި ހަފުތާގެ ތެރޭގައި އެޗްޑީސީއާއެކު ބައްދަލުވުމެއް ބާއްވައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަހުމަދު ސައުދީއާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުގެ އިތުރުން ދެ ކުންފުނީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރަން ނިންމި ޓަވަރުތަކުގެ މަސައްކަތް ކުރިއަށް ނުގޮސް ވުޖޫދަށް އައިސްފައި ނުވުމަކީ މުވައްޒަފުން އިންތިހާއަށް މާޔޫސްވެ ހިތާމަކުރާ ކަމެކެވެ. އެކަން ކުންފުނީގެ ބޯޑާއި މެނޭޖްމެންޓުން ގަބޫލުކޮށް، އެއީ މުވައްޒަފުންގެ ހެވާއި ލާބައަށްޓަކައި ކޮންމެހެންވެސް ކޮށްދޭންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން މެނޭޖިން ޑިރެކްޓަރު ސައުދީގެ އިސްނެންގެވުމުގެ މަތިން، އެމްޓީސީސީގެ ހިޔާ މަޝްރޫއު އަލުން ކުރިއަށްގެންދިޔުމަށްޓަކައި ބިމެއް ހަމަޖެއްސައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެދުނު ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އެދުމަށް އިޖާބަ ދެއްވައި، އެމްޓީސީސީއަށް ބިމެއް ހަމަޖެއްސަވައިދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެޗްޑީސީއަށް ސިޓީއަކުން އަންގަވައިފައެވެ.

އެމްޓީސީސީގެ މުވައްޒަފުންނަކީ ރެޔާއި ދުވާލު ދާ އޮހޮރުވައިގެން މަސައްކަތްކުރާ އިޚުލާސްތެރި ބަޔެއްކަން ފާހަގަކޮށް، ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހުމުގެ އުއްމީދު ލިބުމަކީ މުވައްޒަފުންނަށް ލިބޭނެ ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ކުންފުނީގެ މެނޭޖްމެންޓުގެ އަމާޒަކީ ބިން ހަމަޖެހުމާއެކު މަޝްރޫއުގެ މަސައްކަތް ވީހާވެސް އަވަހަށް ފެށޭނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.

އެމްޓީސީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި "ހިޔާ ހައުސިން ސްކީމް" އެންމެ ފުރަތަމަ ތައާރަފުކުރީ 15 އޯގަސްޓު 2018 ގައެވެ. އޭރު ނިންމާފައިވަނީ އެ މަޝްރޫއުގެ ދަށުން 14 ބުރީގެ ދެ ޓަވަރު އިމާރާތްކޮށް، ޖުމްލަ 400 ފުލެޓު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށެވެ.

ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމުގައި އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެ މައްސަލަ ބަލަން ފަށައިފައެވެ. އެ މައްސަލައާ ގުޅިގެން މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމަށްފަހު، މިހާރު މަސައްކަތް ކުރަމުންދަނީ އާ ބިމެއްގައި މަޝްރޫއު އަލުން ފެށުމަށެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d