ވެމްކޯއަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން މާލޭ ސިޓީ ކައުންސިލުގެ ބްލޮކް ގްރާންޓުން 19 މިލިއަން އުނިކޮށްފި
ސައިފުﷲ އަލީ
.png&w=3840&q=75)
SHARE
ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް މާލޭ ސިޓީ ކައުންސިލުން ދައްކަންޖެހި ނުދައްކާ ހުރި ފައިސާގެ މައްސަލައިގައި، އެ ކައުންސިލަށް ދޫކުރުމަށް ހަމަޖެހިފައިވާ ބްލޮކް ގްރާންޓުގެ ތެރެއިން 19 މިލިއަން ރުފިޔާ އުނިކުރުމަށް ނިންމައި ފިނޭންސް މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގައިފިއެވެ.

މި ނިންމުން އަންގައި ފިނޭންސް މިނިސްޓްރީން ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފައިވާކަން އެ ކައުންސިލުގެ ކައުންސިލަރަކު ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. މި ސިޓީއާ ގުޅިގެން ކައުންސިލުން ވަނީ އެކަމުގެ ސަބަބުން އިދާރީ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން ފާހަގަކޮށްފައެވެ.
މި މަހު މާލޭ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެން އޮތީ ޖުމްލަ 19.2 މިލިއަން ރުފިޔާއެވެ. އެ ފައިސާގެ ތެރެއިން 19 މިލިއަން ރުފިޔާ އުނިކޮށްފި ނަމަ، މި މަހު ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނީ 285734 ރުފިޔާއެވެ.
މި ފައިސާ އުނިކުރުމާ ގުޅިގެން ކައުންސިލުގެ މުވައްޒަފުންނަށް މުސާރަދިނުމާއި އޮފީސް ހިންގުމުގެ ދެކޮޅުޖެއްސުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެތީ، އެކަމާ މެދު މަޝްވަރާކުރުމަށް އެދި ކައުންސިލުން ވަނީ ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން މާލޭ ސިޓީ ކައުންސިލުން އެ ކުންފުނީގެ ހިދުމަތް ހޯދުމަށްފަހު ނުދައްކާ އޮތް ފައިސާގެ ޖުމްލަ އަދަދު ވަނީ 116.4 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ މާލީ ފުދުންތެރިކަން ދަށްވެ، މުވައްޒަފުންގެ ޕެންޝަން ފައިސާ ދެއްކުމުގައިވެސް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ފައިސާ ނުދެއްކި ނަމަވެސް، ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތްތައް މެދުކަނޑާނުލައި ކުރިއަށްގެންދާ ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.
.jpeg&w=3840&q=75)
