ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަންނަ މަހު އަޅަނީ
ސައިފުﷲ އަލީ

SHARE
އަންނަ މަހު ފާހަގަކުރާ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ހުޅުމާލޭގައި އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ބިނާކުރާ ބޮޑު މިސްކިތް ވެގެންދާނީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ރަމްޒުކޮށްދޭނެ މުހިންމު ބިނާއަކަށް ކަމަށެވެ. އަދި އެ މިސްކިތަކީ އީމާންކަމާއި ޢިލްމާއި ވަޙުދަތު ފަތުރައިދޭ މަރުކަޒަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ އިސްލާމްވިތާ ނުވަސަތޭކަ އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ފުރިހަމަކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ބިނާއަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި އީމާންތެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭނެ ތަރިކައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި މާކަޒީ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. އެ މަޝްރޫޢަށް ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ޙަވާލުކޮށްފައެވެ.
މި މަޝްރޫޢަށް ފައިސާ ހަމަޖެއްސުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އެ ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ޤުރްއާން މިއުޒިއަމަކާއި ވަޤުފް އިމާރާތްތަކުގެ އިތުރުން އެހެނިހެން ވަސީލަތްތައް ހިމެނޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިޢުލާނު ކުރެއްވި މި ބޮޑު މިސްކިތަކީ އެއްފަހަރާ ދިހަ ހާހަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ، ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު އިސްލާމީ މަރުކަޒެވެ.

