logo

ފުދުންތެރިންނަށް އާސަންދަ ލިމިޓުކުރުން: ހަގީގީ ހަމަހަމަކަމާ ދިމާލަށް އަޅާ ފިޔަވަޅެއް

ސައިފުﷲ އަލީ

8 ސެޕްޓެމްބަރު 2026 - 02:55
ފުދުންތެރިންނަށް އާސަންދަ ލިމިޓުކުރުން: ހަގީގީ ހަމަހަމަކަމާ ދިމާލަށް އަޅާ ފިޔަވަޅެއް

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ، މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ

SHARE

އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ 60،000 ރުފިޔާއިން މަތީގެ އާމްދަނީ އެއް ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު ނުދޭ ގޮތަށް ނިންމަވާފައިވާ ކަމަށެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ރަައީސް ވިދާޅުވީ، އަލަށް ގެންނަ ބަދަލާ އެކު، މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް ދެން އާސަންދަ ލިބޭނީ "ކޯ-ޕޭ" ނުވަތަ "ޕްރީ-ޕޭ" އުސޫލުން، ނުވަތަ އަހަރީ ފީއެއް ދައްކައިގެންނެވެ. މި ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކުރެވި، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެހެން ކަންކަމަށް އެ ފައިސާ ހަރަދުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އަންނަ މަހު އަމަލު ކުރަން ފަށާ މި ބަދަލުތައް އިއުލާނުކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުއްސަނދި މީހާއާޢި، އެންމެ ފަގީރު މީހާ ތަފާތުކުރުމެއް ނެތި، އާސަންދައިގެ ފުލް ކަވަރޭޖު ދިނުމަކީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށެވެ.

މި ކަމަކުގެ ފައިދާއަކީ ހަމައެކަނި ދައުލަތުން އެތައް ފައިސާއެއް ސަލާމަތްވުން އެކަންޏެއް ނޫނެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލައި، ދައުލަތުން ދެމުންދާ ސަބްސިޑީތައް ޓާގެޓެޑް ސަބްސިޑީތަކަކަށް ހެދުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަނީ މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން ލަފާ ދެމުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ފަދަ އިދާރާތަކުން މީގެ ކުރިން ބުނެފައިވަނީ، އެންމެންނަށް އެއްވަރަކަށް ދެވޭ އިންޑައިރެކްޓް ސަބްސިޑީތަކުގެ ސަބަބުން ބޮޑު އިސްރާފެއް ވެގެންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ސަބްސިޑީތައް ހައްގުވެރިންނަށް އެކަނި ލިބޭނެ ގޮތަށް ނިޒާމު ބަދަލުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އާސަންދަ އަށް މި ގެނައި ބަދަލަކީ އެހެން ދާއިރާތަކަށް ވެސް މިފަދަ ބަދަލުތައް ގެނައުމުގެ ފެށުމަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައަކީ ސަރުކާރުތަކުން ޒަމާނުއްސުރެ ހައްލެއް ގެންނަން މަސައްކަތް ކޮށްފައިވާ މައްސަލައެކެވެ. އެގޮތުން، ފުދުންތެރިކަން ހުންނަ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވެސް ކާޑާއި، ތެޔޮ ފަދަ ބާވަތްތަކުން ސަބްސިޑީ ލިބެމުންދާއިރު، އެކަން ބަދަލުކުރަން ޖެހޭ ކަމަށް ފާއިތުވި، އެމްޑީޕީގެ ސަރުކާރުގެ އިސް ބޭފުޅުން ވެސް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެ ބޭފުޅުންގެ ފަރާތުން އެކަން ކުރުމުގެ ޕޮލިޓިކަލް ވިލް ފެނިފައެއް ނުވެއެވެ.

2016 ވަނަ އަހަރު ކާޑުގެ ސަބްސިޑީއަށް ބަދަލު ގެންނަން އުޅުމުން އާންމުންގެ ނުރުހުމާ ހެދި އެކަން އަނބުރާ ގެންނަން ޖެހުމާއެކު ، ފަހުން އައި ސަރުކާރުތަކުން އޮތީ މިފަދަ އިސްލާހީ ފިޔަވަޅުތައް އަޅަން ޖެހިލުންވެފައެވެ.

ދެމެހެއްޓެނިވި އިގުތިސާދަކަށް ޓާގެޓެޑް ސަބްސިޑީގެ މުހިންމުކަން

ދައުލަތުން ދޭ އިންޑައިރެކްޓް ސަބްސިޑީތަކުގެ (ކަރަންޓު، ތެޔޮ، ކާޑުގެ ބާވަތްތައް) ބޮޑު ބައެއް ހަގީގަތުގައި ދަނީ އެހީއަށް ބޭނުންނުވާ މުއްސަނދިންނާއި، ވިޔަފާރިތަކަށާއި، އަދި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވިއްކާ ކާޑުގެ ބޮޑު އިންސައްތައެއް ވަންނަނީ ގޭބީސީތަކުގެ ބަދަލުގައި ވިޔަފާރިތަކަށެވެ. އެގޮތުން ހަނޑޫ، ހަކުރު، އަދި ފުށުގެ ސަބްސިޑީއަށް ވަކިވަކިން ބެލިއަސް، އޭގެ ފައިދާގެ ދެބައިކުޅަ އެއްބައެއްހާ ވަަރު ވަންނަނީ ވިޔަފާރިތަކަށެވެ.

އިގުތިސާދީ ގޮތުން ބަލާއިރު، މިފަދަ ނުރަނގަޅު ބޭކާރު ހަރަދުތައް ކުޑަކޮށް، އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދި ފަގީރު ގޭބިސީތަކަށް ސީދާ އެހީ ފޯރުކޮށްދޭ 'ޑައިރެކްޓް' ނިޒާމަކަށް ބަދަލުވުމަކީ އެންމެ ބުއްދިވެރި ފިޔަވަޅެވެ. މުޅި އާބާދީއަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އިސްކަންދޭ އުސޫލަށް ލަންކާ، މިސްރު އަދި މެކްސިކޯ ފަދަ ގައުމުތަކުންވެސް ވަނީ އަމަލުކުރަން ފަށާފައެވެ.

އާސަންދައިގެ ނިޒާމަށް ގެންނަ މި އިސްލާހީ ބަދަލުތަކަކީ ހަމައެކަނި ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އަޅާ ފިޔަވަޅެއް ނޫނެވެ. މިއީ މުޖުތަމައުގައި އޮތް ފަރަގު ނައްތާލައި، ދައުލަތުގެ ފައިސާ އެންމެ ހައްގުވެރި ރައްޔިތުންނަށް ފޯރުކޮށްދީ، ދިވެހިރާއްޖޭގެ އިގުތިސާދު ސަލާމަތުގެ އައްސޭރިއަކަށް ވާސިލުކޮށްދިނުމަށްޓަކައި ކޮންމެހެން އަޅަންޖެހިފައިވާ ފިޔަވަޅެކެވެ، އަދި އިޖުތިމާއީ އަދާލަތުގެ ރޮނގުން ބެލިޔަސް ގެނައުން ލަސްވެފައިވާ ބަދަލެކެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d