ބަންގްލަދޭޝް ބައެއްގެ އަތުން 18 ގައުމެއްގެ ފައިސާ އަތުލައިގެންފި, ޖުމުލަ އަދަދު ތިން މިލިއަން ރުފިޔާއަށްވުގެ ބޮޑު
އައިޝަތު ހިދާޔާ

SHARE
ވެލާނާ އޮންޓަނޭޝަނަލް އައެާޕޯޓުން ބަންގްލަދޭޝަންށް ފުރަންގޮސްތިބި އެ ގައުމުގެ ހަ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ އަތުލައިގެންފައި ވާކަމަށާއި މި ފައިސާގެ ޖުމުލަ އަދަދު ދިވެހި ރުފިޔާއިން ބަލާނަމަ ތިން މިލިއަނަށްވުރެ ގިނަވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ, މި މީހުން އަތުލަިއގަތީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މިކަމަށް ހާއްސަކުރެވިފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށެވެ. ހިފެހެއްޓުނު ފައިސާގެ ތެރޭގައި
- 174,161 ޔޫ.އެސް ޑޮލަރާއި
- 56,760 ޔޫރޯ އާއި
- 1،815 ސްޓަރލިން ޕައުންޑް ހިމެނެއެވެ.
ފުލުހުން ބުނީ, ޖުމުލަ 18 ގައުމެއްގެ ފައިސާ އެމީހުން އަތުން ފެނިފައިވާއިރު ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރިއަށް އަރާކަމަށެވެ.
ފުލުހުން ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި އެމީހުން މި ފައިސާ ފޮރުވާފައި ވަނީ ސީރިއަލް ޕެކެޓުގައެވެ.
މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ހަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.


