ފުލުހުންގެ ވާޖިބަށް ހޖުރަސްއެޅި މައްސަލައިގައި މާފުށީ ހަ މީހަކަށް ދައުވާކުރަނީ
އައިޝަތު ހިދާޔާ

SHARE
ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ކ. މާފުށި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ, މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ަކމަށެއވެ.
މި ހަ މީހުން ހައްޔަރުކުރީ މާފުށީގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި، މިއަހަރުގެ އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރު މީހަކު ބަލައިފާސްކުރަމުން ދަނިކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން އޮގަސްޓު 11 ވަނަ ދުވަހު، މާރާމާރީ ހިންގި ސީން އިން ހައްޔަރުކޮށްފައިވަނީ، އުމުރުން 18 އަހަރުގެ ހެވަން / ކ. މާފުށި، މުޙައްމަދު ޝާބިން ޝުޖާޢު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާފުށި މެޖިސްޓްރޭޓް ކޯޓަަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. އޭނާ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާތީ އެ އަމުރު ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ:
- ސްޓާރލައިން / ކ. މާފުށި، އަބްދުﷲ ނިހާދު (30އ)
- ގްރީންޕާރކް / ކ. މާފުށި، އިބްރާހީމް ސުނީޒް (41އ)
- ވާރޭވިލާ / ކ. މާފުށި، އަޙްމަދު އަހުނަފް އަސްފާޤު (24އ)
- ފާއިޒާމަންޒިލް / ކ. މާފުށި، ޙަސަން ނަބީލު (32އ)
- ގްރީންޕާރކް / ކ. މާފުށި، މުޙައްމަދު ޝައިޙާން (21އ)
މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރުގެ ދަށުންނެވެ.
ފުލުހުން ބުނީ, އެ މީހުންގެ ތެރެއިން އަބްދުﷲ ނިހާދު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 14 ވަނަ ދުވަހުކަމަށެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އިބްރާހީމް ސުނީޒް ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 15 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަޙްމަދު އަހުނަފް އަސްފާޤު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 19 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި އަންނަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
މީގެއިތުރުން, މުޙައްމަދު ޝައިޙާން ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތު ހަމަވާނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ޙަސަން ނަބީލު ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 29 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސެޕްޓެމްބަރު 21 ވަނަ ދުވަހުކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ.


