logo

އަލަށް އުފަންވާ ކުދިންނަށް ފަރުވާކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރިނަމަވެސް އެކަމަށް އެންމެ މުހިންމީ ހުނަރުވެރި އަތްތަކެއް: ފަސްޓް ލޭޑީ

ފާތިމަތު މިޝްކާ

21 ސެޕްޓެމްބަރު 2026 - 09:27
އަލަށް އުފަންވާ ކުދިންނަށް ފަރުވާކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރިނަމަވެސް އެކަމަށް އެންމެ މުހިންމީ ހުނަރުވެރި އަތްތަކެއް: ފަސްޓް ލޭޑީ

SHARE

ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްޞަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ޞިއްޙީ ޚިދުމަތްތެރިންކަމަށް ައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

"ނިއޯކެއަރ 2026 - ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް" ފެށުމުގެ ގޮތުން މިއަދު ހެނދުނު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ސާޖިދާ ވިދާޅުވީ މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅުންނަށް ކަމަށެވެ.

ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް އެކަމަނާ ގޮވައިލެއްވި އެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރައްވާފައެވެ.

ޞިއްޙީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.

އެކުއްޖަކު ނިސްބަތްވާ ރަށަކަށް ނުވަތަ ޙާލަތަކަށް ބެލުމެއްނެތި، ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށްވެސް، އެއް ފެންވަރެއްގެ ފަރުވާއެއް ލިބެންޖެހޭނެކަމަށް އެކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި އާއިލާތަކަށް ދިމާވާ އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަމާއި، އެބޭފުޅުންގެ ކިބައިގައިވާ ފަރުވާތެރިކަމާއި އޯގާތެރިކަމަށް އެކަމަނާ ތަޢުރީފުކުރެއްވިއެވެ.

އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަން ފާހަގަކުރައްވަމުން، އިންޓެންސިވް ނުވަތަ ޚާއްޞަ ފަރުވާ ހޯދަމުންދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި، އެހީތެރިކަމާއި، ސާފު މަޢުލޫމާތާއި، ޤަދަރާއި އިޙްތިރާމް އަދި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހަނދާންކޮށްދެއްވިއެވެ. އަދި ޞިއްޙީ ޚިދުމަތަކީ ހަމައެކަނި ބަލިމީހުންނަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ނިއޯކެއަރ 2026 ކުރިއަށްދަނީ "އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން" މި ޝިޢާރުގެ ދަށުންނެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d