ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރުމުން ވިޔަފާރި ދެކޮޅެއް ނުޖެއްސޭ, ޑޮލަރު މައްސަލަ ވެސް ހައްލެއް ނުވޭ: ނަޝީދު
އައިޝަތު ހިދާޔާ

SHARE
ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމުދަނީގެ 40 ޕަސެންޓު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ވިޔަފާރިތައް ދެކޮޅު ނުޖެއްސޭ ކަމަށާއި މިކަމުގެ ސަބަބުން ޑޮލަރުގެ މައްސަލަ ހައްލު ނުކުރެވޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮލަރުުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ, ޑޮލަރުގެ އަގަށް އަދިވެސް ބަދަލު ނާންނަކަމަށެވެ.
"ސަރުކާރުން ހަދާ ގަވާއިދަކާ ގުޅިގެނެއް ވިޔަފާރީގެ މުއާމަލާތްތަކަކަށް ބަދަލުއަންނަތަނެއް އަޅުގަނޑުމެނަކަށް ނުފެނޭ," ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ, މިހާރު ވެސް ރިސޯޓުތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ކޮންމެ މަހަކު ލިބޭ އާމްދަނީގެ 60 ޕަސެންޓަށްވުރެ ބޮޑު އެއްޗެއް މާރު ކުރާކަމަށެވެ. އޭގެ އިތުރަށް 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން މަޖުބޫރުކުރުމުން މި ވިޔަފާރި ފުރިހަމަ ގޮތުގައި ދެކޮޅު ނުޖެއްސޭކަމަށް ނަޝީދު ވިދާލުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ގަވާއިދަކީ ޑޮލަރުގެ ތާށިކަމަށް ހައްލެއް އަންނާނެ ކަމެއް ވެސް ނޫން. އޭގެ އިތުރުން ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ނުހަނު ގެއްލުން ފޯރައިދާނެ ގަވާއިދުތަކެއް." އެމަނިކުފާނު ވިދާޅުވިއެވެ.
މި ގަވާއިދާ ގުޅިގެން އިތުރު ކަންބޮޑުވުމެއް ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ, ރިސޯޓުތަކުން އާމްދަނީގެ 40 ޕަސެންޓު މާރުކުރުމުގެ ސަބަބުން ރިސޯޓުތަކުގެ ޚަރަދުބަރަދު އެކީގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހިއްސާކުރަން ޖެހޭ ކަމަށެވެ.
މިފަދަ މައުލުމާތުތައް އެމްއެމްއޭއާ ހިއްސާކުުރުމަކީ ވިޔަފާރިވެރިން ވަރަށް ކަންބޮޑުވާނެ ކަމެއްކަމަށާއި ވިޔަފާރިވެރިޔާ ގެންގުޅޭ ހަމަތަކާއި އުކުޅުތަކާއި ވިޔަފާރީގެ މައުލޫމާތުތައް އޭނާއާ ވާދަކުރާ އެންމެންނަށް ހުޅުވައިލުމަކީ ވިޔަފާރިއަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މި ހިސާބުތަކާމެދު އެމްއެމްއޭއިން އަމަލުކުރާ ގޮތަކީ ވެސް ވިޔަފާރިވެރިންނަށް ޔަގީންވާކަމއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ބޭރުގެ ޓުއާ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީކުރަންޖެހޭނެކަމަށް ނިންމާފައިވާ ނިންމުމަކީ ވެސް ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގްތިސާދަށް ވަރަށް ބޮޑު ގެއްލުން ލިބދާނެ ކަމެއް ކަމަށެވެ.
.jpg&w=3840&q=75)
.jpg&w=3840&q=75)
