logo

2040 އަށް ރާއްޖެ ތަރައްޤީވުމަށް ތިލަފުށީ ބަނދަރު މަޝްރޫޢަކީ އެންމެ ވަރުގަދަ އެއް ބިންގާ: ވަޒީރު ސަޢީދު

ސައިފުﷲ އަލީ

1 އޮކްޓޯބަރު 2026 - 17:37
2040 އަށް ރާއްޖެ ތަރައްޤީވުމަށް ތިލަފުށީ ބަނދަރު މަޝްރޫޢަކީ އެންމެ ވަރުގަދަ އެއް ބިންގާ: ވަޒީރު ސަޢީދު

SHARE

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢަކީ 2040 ވަނަ އަހަރު އަންނައިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެޅޭ އެންމެ ވަރުގަދަ އެއް ބިންގާކަމަށް އިޤްތިޞާދީ ތަރައްޤީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ މަޝްރޫޢެއްކަން ފާހަގަކުރައްވައި، ވަޒީރު ސަޢީދު މިހެން ވިދާޅުވީ ތިލަފުށީގައި ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކުރެއްވި ޒިޔާރަތެއްގައެވެ.

ޒިޔާރަތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުނުކޮށް އެތައް އަހަރެއް ފާއިތުވެގެން ދިޔުމަކީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި އެޅިފައި އޮތް ބޮޑު ހުރަހެއް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން އެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ފުރަތަމަ ފިޔަވަހި ނިންމަވައި، 2028 ވަނަ އަހަރުގެ ނޮވެމްބަރުގެ ކުރިން މުޅި މަޝްރޫޢު އެއްކޮށް ނިންމެވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަޝްރޫޢު ނިމުމުން އިންޓަނޭޝަނަލް ކީވޯލްއާއި ބަނދަރާއި، ސްޓޯރޭޖް ވެއަރހައުސްތަކާއި، ފްރީޒޯންތަކުގެ އިތުރުން ބާޒާރުމަތީގައި ހުރި އަތޮޅު ފިހާރަތަކުގެ އޮޕަރޭޝަންތައްވެސް ތިލަފުއްޓަށް ބަދަލުވެގެންދާނެއެވެ. މީގެ އިތުރުން ބްރިޖުން ގުޅާލެވިގެން ކާގޯ ދެވޭނެ އިންތިޒާމްތަކާއި، ހުޅުމާލެއިން އިންބައުންޑް ކާގޯ އާއި އެއާޕޯޓަށް ސީ-ޓޫ-އެއާ ކާގޯގެ ޚިދުމަތް ދެވޭނެ ހައްލުތައް ހަމަޖެހިގެންދާނެއެވެ.

2040 އަންނަން 14 އަހަރު އޮތްއިރު ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް އެޅޭ އެންމެ ވަރުގަދަ އެއް ބިންގަލަކަށް މި މަޝްރޫޢު ވެގެންދާއިރު، މީގެ އެންމެ ބޮޑު އުފަލެއް ލިބޭނީ ރާއްޖޭގެ ވިޔަފާރިވެރިންނާއި އިޤްތިޞާދުގައި އިންވެސްޓުކުރާ ފަރާތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި ކޮންސްޓްރަކްޝަން ދާއިރާއިން 11 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ހިނގާއިރު، އޭގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އެފަދަ ތަންތަނަށް މުދާ ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ނަމަވެސް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޕޯޓް ބަދަލުކުރުމުގެ މަޝްރޫޢަށް ބޮޑު ކުރިއެރުމެއް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުވުމުން، މުދާ ބާާލައި ކްލިއަރ ކުރަން މިހާރު ހޭދަވާ ހަތް ދުވަހުގެ ބަދަލުގައި، މޭވާއާއި ތަރުކާރީ ފަދަ އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެއްދުވަސް ތެރޭގައި ބޯޓުން ބާާލައިގެން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d