ޔުނިސެފާއި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަން ގުޅިގެން ޒުވާނުންގެ ހުނަރުތައް ތަރައްގީކުރަނީ
އައިޝަތު ހިދާޔާ

SHARE
ރާއްޖޭގައި ހުންނަ ޔުނިސެފްގެ އޮފީސް އަދި ސްކައުޓް ޖަމިއްޔާ ގުޅިގެން ޒުވާނުންގެ ހުނަރު ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔުނިސެފާއެކު ވެފައިވާ މި އެއްބަސްވުމުގެ ދަށުން، ޒުވާން ލީޑަރުން ބިނާކުރުމަށް ޔުނިސެފުން އެކުލަވާލާފައިވާ "ޓްރެއިލްސް" އޮނިގަނޑު، ބޭނުންކުރާނެކަމަށް ސްކައުޓް އެސޯސިއޭބަނުން ބުންޏެވެ.
މި އޮނިގަނޑުގައި މުއާމަލާތްކުރުމާއި، ފާޑުކިޔުންތެރި ވިސްނުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އުފެއްދުންތެރިކަމާއި، މައްސަލަ ހައްލުކުރުމާއި، ލީޑަޝިޕާއި، ޑިޖިޓަލް ދާއިރާގެ ހޭލުންތެރިކަމުގެ އިތުރުން ކަންކަމުގައި ކެތްތެރިކަމާއެކު ސާބިތުވެ ހުރުމުގެ ހުނަރުތައް ހިމެނޭނެއެވެ. އަދި މީގެ ޒަރިއްޔާއިން އަމަލީ ހަރަކާތްތަކާއި، އިޖުތިމާއީ ހިދުމަތްތަކާއި އިސްނެގުމުގެ ފުރުސަތުތަކުގެ ތެރެއިން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް ޒުވާނުންނަށް އެހީތެރިވެދޭނެ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން ތިން ދާއިރާއަކުން ސްކައުޓް ބެޖުތަކެއް ތައާރަފުކުރުމަށް ވެސް ވަނީ ރާވާފައި ވާކަން ސްކައުޓް އެސޯސިއޭޝަނުން ފާހަގަކުރިއެވެ. މި ބެޖުތަކަކީ:
- "މައިންޑް ބިލްޑާސް"(ނަފްސާނީ ދުޅަހެޔޮކަން)،
- "ޑިޒާސްޓަރ ރިސްކް ރިޑަކްޝަން" (ކާރިސާތަކުގެ ނުރައްކާ ކުޑަކުރުން)
- "ޗައިލްޑް ރައިޓްސް" (ކުޑަކުދިންގެ ޙައްޤުތައް)
ސްކައުޓް އެސޯސިއޭޝަނުން ބުނީ, މި ބެޖުތަކުގެ ސަބަބުން ހުނަރު ތަރައްގީކުރުމާއި، ކުދިންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި އަދި ކުޑަކުދިންގެ ޙައްގުތަކާ ގުޅުވައިދޭނެއެވެ. އަދި މީގެ ސަބަބުން ޒުވާނުންގެ ވިލުންތެރިކަން އާލާކޮށް، އެކުދިންގެ ހައްގުތައް ދެނެގަނެ އެ ހައްގުތަކުގެ ބޭނުން ހިފުމަށާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށާއި، ސްކޫލްތަކާއި މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށް ބޭނުންވާނެ ހުނަރު ލިބޭނެކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތުގެ ދަށުން ސްކައުޓް ލީޑަރުންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން އިތުރަށް ފޯރުކޮށްދެވޭނެކަން ވެސް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން މުޅި ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންނާއި ޒުވާނުންނަށް ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުޞަތުތައް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކީ ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ވަސީލަތްތަކުގެ ތެރޭގައި މި ހުނަރުތައް ހިމަނައިގެން، ރާއްޖޭގެ މުސްތަގުބަލުގެ ޖީލުތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާކުރާނެ މަގު ފަހިކުރުން ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.
މި ޕްރޮގްރާމަ ގުޅިގެން ވާހަކަ ދައްކަވަމުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވަޑް އަޑާއި ވިދާޅުވީ, ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް، މިއަދުގެ މުޖުތަމައަށް ޚިދުމަތްކުރުމުގެ ރޫހު ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަށާއި، މުސްތަގުބަލުގައި ވަރުގަދަ ގައުމެއް ބިނާކުރުމަށް ބޭނުންވާ ގާބިލުކަން އެކުދިންގެ ކިބައިގައި އަށަގަންނެވުމަށްޓަކައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަނާ އެކު މަސައްކަތްކުރުމަށް ޔުނިސެފުން ތައްޔާރު ކަމަށެވެ.

