ފުނަދޫ އަލިފާނުގެ ހާދިސާ: 18 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
އައިޝަތު ހިދާޔާ
SHARE
ށ. ފުނަދޫ ޕެޓްރޯލް ޝެޑެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެކި ގޮތްގޮތުން އަސަރުކުރި 18 މީހަކަށް, އެރަށުގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭންފަށައިފިއެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން"ނުކުތާ"އަށް މައުލޫމާތު ދެއްވަމުން އޮފިޝަލަކު ވިދާޅުވީ, 18 މީހުންގެ ތެރޭގައި ސީރިއަސް އަނިޔާއެއް ލިބި އެމަޖެންސީގައި އެއްވެސް މީހަކަށް ފަރުވާ ނުދޭކަމަށެވެ. މި މީހުންގެ ތެރޭގައި "ފަސްޓް ޑިގްރީ ބާން" ނުވަތަ ކުޑަކޮށް ހަނގަޑަށް އަލިފާނުގެ އަސަރުކޮށްގެން ފަރުވާދޭ މީހުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.
"އަލިފާންގަނޑު ރޯވެގެންދިތަ ވަގުތު ކައިރީތިބި މީހުންގެ ގަޔަށް ހޫނު ތެލުގެ އަސަރުކޮށް, އަދި ކުޑަކޮށް އަލިފާނުގެ އަސަރުކޮށްގެން ބައެއް މީހުންނަށް ފަރުވާދޭ," ފަރުވާދޭ މީހުންގެ ތެރޭގައި އެންމެ ގިނައީ ދުމުގެ އަސަރުކޮށްގެން ފަރުވާދޭ މީހުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ, އަލިފާންގަޑު ރޯވި ވަގުތު އެމަންޒަރު ފެނި ބިރުގަނެ ލިބުނު "ޝޮކް"ގެ ސަބަބުން ވެސް ބައެއް މީހުންނަށް ފަރުވާދޭކަމަށެވެ.
ފަރުވާދޭ މީހުންގެ ތެރޭގައި ފަސް އަންހެނުން ހިމެނޭކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނު 08:00 ހާއިރުއެވެ. ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާން އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ވެސް ފެތުރުނެވެ.
މި އަލިފާންގަޑު މިހާރު ވަނީ ކޮންޓްރޯލްކުރެވިފައެވެ. މި ނޫހަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތިގައި, މި ހާދިސާގައި އަލިފާން ފެތުރުނު ވޯކްޝޮޕްތައް ވަނީ އިތުރަށް ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފައެވެ.
ސިފައިންނާއި ފުލުހުން އަދި އެއާޕޯޓުގެ ފަޔާ ފައިޓަރުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ކުޅުދުއްފުށިން ފަޔާ ފައިޓަރުންގެ ހާއްސަ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފައެވެ.
