.jpg&w=3840&q=75)
ވިއްސާރަ ދުވަހަކު މާލޭގެ މަގުމަތި -- ނުކުތާ ފޮޓޯ: އިބްރާހިމް ނާއިޝް
SHARE
މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުން ބުނެފިއެވެ.

މެޓުން ބުނީ, ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު, އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަޞީ އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފައެވެ. އެގޮތުން, މާލެއަށް ވެސް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވިއިރު ބައެއް ރަށްތަކަށް ވެސް ވަނީ ވާރޭވެހުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބިފައެވެ.
އޭގެތެރޭގައި, ހއ. އާއި ހދ. އަތޮޅުގެ ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ރަށްތަކުގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދިނެވެ.
މިއަދު މެޓުން ބުނީ, ރާއްޖެއަށް މޫސުން ރަނގަޅުވާނެކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ވައި މަޑުވެ ވިއްސާރަ އަލިވާނެކަމަށް ލަފާކުރެވުނު ނަމަވެސް, އަންނަ ހަފުތާ ބަންދުގައި ވެސް މާލޭ ސަރަހައްދަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.


