ފުލުހުންގެ ވަޒީފާއަށް މީހުން ހޯދަނީ, މުސާރައަށް 15,500 ރުފިޔާ
އައިޝަތު ހިދާޔާ

SHARE
ފުލުހުންގެ ކޮންސްޓަބަލް މަގާމަށް މީހުން ހޯދުމަށް މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާނުކޮށްފިއެވެ.

ފުލުހުން ކުރި އިއުލާނުގައި މި މަގާމަށް ހޯދަނި ކިހާ މީހުންނެއް ކަމެއް ހާމައެއް ނުކުރެއެވެ. މި މަގަމުގެ މުސާރައަކީ 15,500 ރުފިޔާއެވެ.
މުސާރަ ދެބައަކަށް ބެހޭ ކަމަށް ފުލުހުން ކުރި އިއުލާނުގައި ވެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 8,990 ރުފިޔާއާއި މަގާމުގެ އެލަވަންސްގެ ގޮތުގައި ދޭ 6,510 ރުފިޔާއެވެ. ނަމަވެސް, ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ދޭނެކަމަށް މި އިއުލާނުގައި ވެއެވެ. އަދި ކެއުމާއި ބޭސްފަރުވާ ކުރުމަށް ވެސް އެލަވަންސް ދޭނެކަމަށް އިއުލާުގައި ވެއވެެ.
މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރުން މަތިގެ މީހުންނަށެވެ. ވަޒީފާއަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި, ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓު ފަސް އިންޗި ހަމަވުމާއި އަންހެނަކު ނަމަ، އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗް ހަމަވުން ހިމެނެއެވެ. އަދި އެސްއެސްސީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.
މީގެއިތުރުން, މި މަގާމަށް ކުރިމަތިލާއިރު, ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ރެކްރޫޓްކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ހަމަވާންޖެހޭނެއެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15ވަނަ ދުވަހާހަމައަށް ވަނީ ހުޅުވައިލައިފައެވެ. ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުލުހުންގެ ވެބްސައިޓު އަދި ގެޒެޓުން ލިބޭނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ރިސެޕްޝަނުންނެވެ.


