
ނުކުތާއަށް މަރުހަބާ: ވަރުނުލާ ނުކުތާ، ގަލަމުން ހިތަށް!

ޢާލިމް އަބްދުއްލަތީފް

ނުކުތާގެ ވެބްސައިޓަށް މީހަކު ވަދެ --
SHARE
ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލަށް ބަލާއިރު، އޮންލައިން ނޫސްތައް އިންތިހާއަށް ގިނައެވެ. ނޫސްވެރިކަމުގެ ވާހަކަ ދައްކާއިރު، ކޮފީ މޭޒުތަކުގައި ވެސް ދެކެވެނީ އޮންލައިން ނޫސްތައް ގިނަ ވާހަކައެވެ. ބައެއް ނޫސްތަކުގެ ތާކުންތާކު ނުޖެހޭ ވާހަކައެވެ. ތެދުވެރިކަމާއި އިހްލާސްތެރިކަމާއެކު ޒިންމާދާރު ނޫސްވެރިކަމެއް ނުކުރެވޭ ވާހަކައެވެ.

ޒުވާން ނޫސްވެރިން ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލަށް ނުކުންނަވަރު ވެސް މަދެެވެ. ނޫސްވެރިކަމަށް ޝައުގު ހުންނަ އެތައް ކުދިންނަށް ވެސް އެ ދާއިރާއިން ކުރިއަށް ނުދެވެނީ އާއިލާއިން އެ ކަމަށް ނުގަބޫލުވާތީއެވެ. އެއީ ނޫސްވެރިކަމުގެ މަންޒަރު ގިނަ ބަޔަކަށް މިހާރު ވެސް ފެންނަ ގޮތް ވަރަށް ހަޑިވެފައި އޮތީމައެވެ. މި މަސަައްކަތަކީ ބިރުބޮޑު މަސައްކަތެއް ގޮތުގައި ސިފަކުރެވިފައި އޮންނާތީއެވެ.
މިއަދު އަނެއްކާ ވެސް ނޫސްވެެރިކަމަށް މި ތައާރަފްވަނީ މުޅިން އައު ބޮޅެކެވެ. އެކަމަކު، މިއީ ހަމައެކަނި "އޮންލައިން ނޫހެއް" ނޫނެވެ. އެއަށްވުރެ ޝައުގުވެރިކަމާއެކު، އަދުގެ ޒުވާނުން ޝައުގުވެރިވާ ގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަކީ ނުކުތާ ޓީމުގެ މަގުސަދެވެ.
ނުކުތާ އުފަންވެގެން އައީ ވެސް ޒުވާން ނޫސްވެރިންތަކެއްގެ ހިޔާލާއެކުގައެވެ. ނޫސްވެރިކަމުގައި މާ ގިނަ ދުވަސްތަކެއް މި ޒުވާނުން ހޭދަކޮށްފައެއް ނުވެެއެވެ. މާ ގިނަ ތަޖުރިބާތަކެއް ވެސް އެ ބީދައިން ބަލާއިރުގައި ކުރެވިފައެެއް ވެސް ނުވާނެއެވެ.
އެހެން ނަމަވެސް، އަޅުގަނޑުމެންގެ ހިތުގައި މި ކަމަށް އޮތީ ފަނޑުވުމެއް ނެތް ލޯތްބެކެވެ. ނުކުތާ އުފަން ކުރުމުގެ މަސައްކަތް ފެށީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައެެވެ. ތަޖުރިބާއާއި ގާބިލިއްޔަތު މިންކުރާ ތަރާދަކީ އުމުރު ނޫންކަން ގަބޫލުކޮށްގެންނެވެ. އަދި އެ ކަން މިންކުރާ ތަރާދަކީ ބޮލުގައި ޖަހާ ނުރަ ނޫންކަން ވެސް ގަބޫލުކޮށްގެންނެވެ. އެ ކަން ސާބިތުކޮށްދިނުމަށް ޓަކައި ވެސް މެއެވެ.

މިި ކަމަށް އަޅުގަނޑުމެން ނުކުންނައިރުގައި ކުރިމަތީގައި އޮތީ މާ ކަނޑެކެވެ. އެކަމަކު، އަޅުގަނޑުމެން މި ތިބީ އެ އޮޔެގަދަ މާ ކަނޑުގައި ފަތައިލަން ނުހަނު ބޭނުންވެފައެވެ. އަޅުގަނޑުމެން އެންމެން އަދާކުރަމުންދިޔަ ވަޒީފާތަކުން ވަކިވީ، ވަރަށް ބޮޑު ރިސްކެއް ނަގައިގެންނެވެ. ޒުވާނުންނާ ރައްޓެހި ނޫސްވެރިކަމެއް އަޅުގަނޑުމެންގެ ހުރި ހިޔާލާ އެއްގޮތަށް ގެނެސްދިނުމުގެ މަގުސަދުގައެވެ. މި ދަތުރުގައި ގިނަ ބައެއްގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަނީ ލިބިފައެވެ. އެ އެންމެންގެ ނަން ފާހަގަނުކުރެވުނަސް، އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ.
އެންމެހާ ކިޔުންތެރިންނަށް ނުކުތާއަށް މަރުހަބާއެވެ. ކިޔުންތެރިން ޝައުގުވެރިވާފަދަ ޚަބަރާއި ރިޕޯޓްތައް، ގެނެސްދެވޭތޯ އަޅުގަނޑުމެން ނުކުތާ ޓީމުގެ ފަރާތުން ކެނޑިނޭޅި މަސައްކަތް ކުރާނަމެވެ. ޒުވާނުން ޝައުގުވެރިވާފަދަ ކޮންޓެންޓްތައް ގެނެސްދެވޭނެ ކަމަށް ވެސް އުންމީދު ކުރަމެވެ. ވަރުނުލާ ނުކުތާތައް ގަލަމުން ހިތަށް ގެނެސްދޭން މަސައްކަތްކުރާނަމެވެ.



