ފްރީ ޑެލިވަރީ: "ޑާކް ކޮމެޑީ"ގެ ފެނަށް ދިވެހި ސިނަމާ ދިރުވައިފި

މުހައްމަދު ޔަމީން
.jpg&w=3840&q=75)
ފްރީ ޑެލިވަރީގެ ބައެއް ކާސްޓުން --
SHARE
މި ފިލްމުގެ ޕްލޮޓު ކިޔައިދީފި ނަމަ، އޭގެން މާ މަޖާ ކަމެއް ފާހަގައެއް ނުވާނެއެވެ. އެކަމަކު މިއީ ހަމަ ކޮމެޑީ ފިލްމެކެވެ.

ތަފާތު އެކި ގައުމުތަކުގެ ފިލްމީ އުފެއްދުންތައް ދިވެހިންގެ އަތްފޯރާ ފަށުގައި ހުރި ޒަމާނެއްގައި "ޑާކް ކޮމެޑީ"ގެ ޖޯންރާ އަކީ ވެސް ދިވެހިންނަށް މުޅިން އާ އެއްޗަކަށް ނުވާނެއެވެ. ނަމަވެސް، އަދި މިހާތަަނަށް ތަސައްވުރު ނުކުރެވި އޮތް ކަމަކީ އެފަދަ ފިލްމެއް ދިވެހި މުޖުތަމައަށް ފައްތައިގެން ގެނެސްދޭނެ ގޮތެވެ.
ކުރު މުއްދަތެއްގެ ތެރޭ އާންމުންގެ މަގުބޫލުކަން ހޯދި ޑައިރެކްޓަރު، އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓުކޮށް، މިހާރު އޮލިމްޕަހުގައި އަޅުވަމުންދާ "ފްރީ ޑެލިވަރީ" އަކީ އެ ތަސައްވުރު އެންމެ ފުރިހަމައަށް ކުލަކޮށްދިން ފިލްމެކޭ ބުނެވިދާނެއެވެ.
އިއްލެއާއެކު، މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އާސިމް އަލީ އަދި އާމިރާ އަލީއެވެ. މިއީ ކަޒްމިކް އިންޓަނޭޝަނަލް، ޕްރޮޑަކްޝަން ހައުސްގެ ފުރަތަމަ ފީޗާ ފިލްމެވެ.
ނަމަވެސް، "ބަވަތި" އަދި "ނީނާ" ފަދަ ފިލްމުތަކާއި، "މަޒްލޫމް" އާއި "ބިރުވެރި ވާހަކަ" ފަދަ ސީރީޒްތަކުން އިއްލެއަށް ދިވެހި އޯޑިއަންސް ދަސްވެފައިވާ މިންވަރު މި ފިލްމުން ހާމަވެއެވެ.
.png&w=3840&q=75)
ފިލްމުގެ ލީޑުން ފެންނަނީ، ތާތި އާދަމް، ރައުފަތު ސާދިގު އަދި އައިޝާއެވެ. ތިން ރޯލު ވެސް އޯޑިއަންސަށް "ޑެލިވާ" ކޮށްދީފައިވަނީ ވަރަށް ފުރިހަމައަށެވެ. އެކީގައި މަސައްކަތް ކުރާ ވަރަށް ތަފާތު ތިން ކެރެކްޓަރެވެ. އެމީހުންގެ ހަޔާތުގައި ހުރި މައްސަލަތަކާއި، ގޮންޖެހުންތަކަކީ ދިވެހިންގެ ގިނަ ބަޔަކަށް ރިލޭޓު ކުރެވޭނެ ކަންކަމެވެ. ސަމާސާ އާއި، ޖޯކުގެ ތެރެއިން އެންމެ ރެޔެއްގެ ތެރޭގައި އެ މައްސަލަތަކާ ކުރިމަތިލުމުގައި އެ ކެރެކްޓަރުތަކަށް ލިބޭ ކުރިއެރުން ދައްކުވައިދެއެވެ.
ފްރީ ޑެލިވަރީގެ ޕޯސްޓަރެއް --
ސަޕޯޓިން ރޯލުތަކުން އަހްމަދު ޝާރިފާއި، ވާޝިޔާ މުހައްމަދު އަދި ހާފިޒް މުހައްމަދާއި، ފާޒިލް ފަޔާޒާއި، ފާތިމަތު ލަތީފާއި، މަރިޔަމް ވަހީދާ ފަދަ މަގުބޫލު ބައެއް ފަންނާނުން ފެނެއެވެ. ސަޕޯޓިން ކެރެކްޓާތަކަކީ، ވެސް ދިވެހި މުޖުތަމައުގެ ހާލަތު ރިފްލެކްޓް ވާނެ ހެން ބައްޓަން ކޮށްފައިވާ ކެރެކްޓާތަކެކެވެ. ވާޝިޔާއާއި ޝާރިފް ފިލްމުގެ ވާހަކައިގައި މުހިންމު ދެ ރޯލެއް ކުޅެއެވެ. މުޅި ވާހަކައިގައި ވެސް އެންމެ ސީރިއަސް ދެ ބައި ކުޅުމުގައި އެ ދެ އެކްޓަރުންގެ ތަޖުރިބާ ފާހަގަވެއެވެ.

ފިލްމު ބަލަމުން ދިޔަ އިރު އޯޑިއަންސުން ފާހަގަވި އެއް ކަމަކީ، ހުރިހާ ގިންތިއަކާއި، ފަންތިއެއްގެ މީހުންނަށް ވެސް ކަމުދާނޭ ފަދަ ކޮމެޑީ ފިލްމުގައި ހިމަނާފައިވާ ކަމެވެ. "ޓޮމް އެންޑް ޖެރީ" ގައި ފެންނަ ފަދަ ފަހާ ދުވުމުގެ ސީންތަކާއި، ތަޅާފޮޅުން އަދި ބައެއް ކެރެކްޓާ ތަކުގެ މިޒާޖީ ސިފަތައް ބޮޑުކޮށްލާ "ކެރިކެޗާ" އެއްގެ ދަރަޖައަަށް ގެންގޮސްފައިވުމަކީ ބައެެއް މީހުންނަށް ވަރަށް މަޖާވި ކަންކަމެވެ. ހަމަ އެހެންމެ، އާންމުކޮށް މީހުންގެ ތެރޭ ވާހަކަދެއްކުން "ޓެބޫ" އަކަށް ވެފައިވާ ބައެއް މައުލޫތަކަށް ހަދާފައިވާ ޖޯކުތައް އިވިފައި ހިނިގަނޑު ފަޅައިގެންދާ މީހުން ވެސް މަދެއް ނޫނެވެ.
މުޅި ފިލްމު އެކުވެ، ޝައުގުވެރި އުފެއްދުމެއްގެ ގޮތުގައި ފައްކާވުމަށް ޝަހީދު ލެގަސީގެ ބެކްގްރައުންޑު މިއުޒިކާއި، ސަމާހު އިބްރާހީމްގެ ސިނަމެޓޮގްރަފީ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.
ހުނުމާ، ސަކަރާތުގެ ތެރެއިން ފިލްމު ބަލާ ނިމޭއިރު، ލިބޭ ފިލާވަޅުތައް މަދެއް ނޫނެވެ. އިއްލެގެ ހުރިހާ ފިލްމެކޭ އެއްފަދައިން، މި ފިލްމުގައި ވެސް ނަފްސާނީ ބަލިމަޑުކަމާ ގުޅޭ މުހިންމު ފިލާވަޅެއް ހިމެނެއެވެ. މީގެ އިތުރުން، ކުރިން ވެސް ދެންނެވުނު ފަދައިން، ލީޑު ކެރެކްޓަރުން އެންމެ ރެޔަކުން އެ މީހުންގެ ހަޔާތުގައި ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލާ، ކުރި ހޯދާ ގޮތަކީ މުހިންމު އިބުރަތެކެވެ.
ޖުމްލަކޮށް ބުނާނަމަ، މިއީ ދިވެހި ފިލްމީ ދާއިރާައަށް އަންނަމުންދާ ބޮޑު ބަދަލުގެ މުހިންމު ބޮޅެކެވެ. ވަކިން ހާއްސަކޮށް، ދިވެހި ކޮމެޑީތައް ކުރިއަށް އެޅި ފިޔަވަޅެކެވެ. ކޮންމެ މީހަކު ވެސް ބަލައިލާ، ކޮށްލަން ރަނގަޅު ތަޖުރިބާއެކެވެ.
ފިލްމުގެ ޓިކެޓު ހޯދުމަށް: 7242555