ގުޅިފަޅުން ގޯތި ކަނޑަކައި މި މަސް ތެރޭ ރަޖިސްޓްރީ ހަވާލުކުރަނީ

ޢާލިމް އަބްދުއްލަތީފް

ގުޅިފަޅު
SHARE
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅުން ދީފައިވާ ގޯތިތައް ކަނޑައި މި މަސްތެރޭ ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ގުޅިފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް އަނެއްކާވެސް ބަދަލު ގެނެސް ސަރުކާރުން މިއަދު ވަނީ ގެޒެޓްކޮށްފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައީ ގޯތި ހަވާލުކުރުން އަވަސްކުރުމުގެ ގޮތުން ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާތްالله ގެ އިރާދަފުޅާއެކު މިމަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ޙަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ޙަވާލު ކުރެވޭނެއެވެ. މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ޙަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެކެވެ،" މުއްތަލިބު ވިދާޅުވިއެވެ.
.png&w=3840&q=75)
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރީ 24 އޮގަސްޓް 2023 ވަނަ ދުވަހުއެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތް ކަމަށް ބުނެ އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް މި ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އެޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުންވެސް ވަނީ ބާއްވާފައެވެ. ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަޙައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެއެވެ.

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް އަލަށް ގެނައި ބަދަލުތައް
24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.